މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކުގެ ހަތަރުވަނަ ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކަކީ ރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ޤައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ.
މި ކޮންފަރެންސްގެ މައުޟޫޢު ކަމަށްވާ، "ބަންޑުންގ އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގ އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ބަންޑުންގ އުސޫލުތަކަށް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތް ފާހަގަކުރައްވައި، އަދި، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލާފަ އެވެ.
މީގެއިތުރުން، މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުންގ އުސޫލުތަކުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.