Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ދަރީންގެ ތައުލީމަކީ އެންމެ އަގުހުރި އިންވެސްޓްމަންޓް

ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބެއްގައި ރައީސް ވަނީ ދިރާސީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ވެސް ފޮނުވައިފަ އެެވެ.

ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށް ދޭނެ ކަމަށެވެ. އަދި ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލް ކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާ އެކު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދެއްވުމަށާއި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށް ދެއްވުމަށް ވެސް ރައީސް އެދިވަޑައޖިގަތެވެ.

އެގޮތުން ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައި ވެސް ދަރިވަރުން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ދަރިވަރުންގެ ހުނަރުތައް ތަރައްޤީ ކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގަތެވެ.

ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާ އެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް ގޮވާލެއްވި އެވެ. އަދި ބެލެނިވެރީން ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާ އެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށް ގޮވާލެއްވި އެވެ. ހަމަމިއާ އެކު ދަރިވަރުން ކިޔެވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، ބަސްއަހާ ހެޔޮލަފާ ދަރީންތަކަކަށްވުމަށް ގޮވާލެއްވި އެވެ.