ރާއްޖޭގައި އިޒްތޭލު ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސްވާތީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އޭނަ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން ޖޫން 2، 2024 ގައި އިއުލާނު ކުރި ނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
"އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، މިދިޔަ އަހަރުގެ ޖޫން ދޭއްގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު، ހަމަ އެ ދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެނޭ." މައުރޫޒުގެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
"ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވޭ،" ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ބިލުތަކެއް އިންތިހާ އަވަހަށް ކުރިއަށްގެންދާ އިރު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ނުގެންދާތީ އެކަން ވެސް މައުރޫފް ހުށަހެޅި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ކުރައްވައިފަ އެވެ.
ހިޔާލު ފާޅުކުރައްވާ