މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލު ކުރުމަކީ މިހާރު ވަރަށް ބޮޑު އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ޞިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
އެގޮތުން މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މާބަނޑު މީހުންނާއި ވިހެއުމަށް ފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭ އިރު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ދިއުމަށް ސާރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރަން،" ނާޒިމު ވިދާޅުވި އެވެ. "އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުން އަންނަ ޒުވާން ޖީލުގެ ދުޅަހެޔޮ ކަމަށް އިސްކަން ދޭން ޖެހޭ."
ވަޒީރުގެ ހިޠާބުގައި ދަރިމައިވުމައްޓަކައި އަންހެނުންގެ އިތުރުން ފިރިހެނުންވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެމަފިރިންވެސް ޞިއްޙީ ރަނގަޅު އާދަތަކުގައި ދެމިތިބެ ދުޅަހެޔޮ ކަންމަތީގައި ތިބުމަށް މަސައްކަތް ކުރުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށާއި ދުޅަހެޔޮކަމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާ އެކު ބަލަހައްޓައި، އެ މަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަސި އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާ އާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ޚިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްކާތެރި މައިންވަންތަކަމަށް އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެކަމަށް އަޅުގަނޑުމެން ޔަޤީން ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ހެލްތީ ބިގިނިންސް، ހޯޕްފުލް ފިއުޗާ" އެވެ