Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

މެޓާނަލް ހެލްތު މޮޑިއުލް މުރާޖައާ ކުރަނީ

މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ "މެޓާނަލް ހެލްތް މޮޑިއުލް" މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެ ވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ހިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާ އެކު ބަލަހައްޓާ އެ މަޢުލޫމާތު ފަސޭހަކަމާ އެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް މޮނިޓަކުރާ ފަރާތްތަކަށް ވެސް އެއް ނެޓްވޯކެއްގެ ތެރެއިން ފަސޭހައިން މަޢުލޫމާތު އަދާ ހަމަކުރުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ ތެރެއަށް "ނެޝެނަލް އިމިއުނައިޒޭޝަން މޮޑިއުލް" އާއި " ޗައިލްޑް ނިއުޓްރިޝަން، ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" ތަޢާރަފުކޮށް ބޭނުންކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަދި މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްޞަ ކުރެވިގެން ފަރުމާ ކުރެވިފައިވާ މެޓާނަލް ހެލްތް މޮޑިއުލް" މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން'." މިނިސްޓަރު ވިދާޅުވި އެވެ.

އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ހިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައްކާތެރި މައިންވަންތަކަމަށް އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް އެކަން ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހަކީ އޭޕްރީލް 7 އެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "ހެލްތީ ބިގިނިންސް، ހޯޕްފުލް ފިއުޗާ" އެވެ.