Last Updated: April 7, 20:58
Monday, April 7, 2025
މުނިފޫހިފިލުވުން

ދީޕިކާ ކުޅޭނީ ސުހާނާގެ މަންމަގެ ރޯލު!

ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމު "ކިންގް" ގެ ރޯލަކަށް ދީޕިކާ ޕަދްކޯން ފައިނަލްކޮށްފައިވާ ކަމަށާއި އޭގައި އޭނަ ކުޅޭނީ ސުހާނާގެ މަންމަގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އެކި މީޑިއާތަކުން މިއަދު ބުނީ އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގައި ހިމެނޭނީ ދީޕިކާ އެކްސްޓެންޑެޑް ކެމިއޯއެއް ކަމަށެވެ. "ކިންގް" އަކީ ދީޕިކާގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ މިދިޔަ އަހަރުގެ "ފައިޓާ" އާއި 2023 ގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ އެކްޝަން ތުރިލާއެކެވެ.

މީގެ ކާސްޓަށް ދީޕިކާ ފައިނަލްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައި މި ވަނީ މީގެ ރޯލަކަށް އޭނަ ނޫނީ ކަރީނާ ކަޕޫރް ނަގަން ނިންމާފައިވާ ކަމަށް ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ "ކިންގްް" ގައި ސުހާނާ، 24، ގެ މަންމަގެ ރޯލު ދީޕިކާ ކުޅޭ އިރު، މިހާރު ދަރިއެއް ވެސް އޮތް 39 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުތީ ޝާހްރުކް، 59، ގެ ފިލްމަކުންކަމެވެ. އެއީ 2007 ގެ "އޯމް ޝާންތީ އޯމް" އެވެ.

އޭގެ ފަހުން ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހެޕީ ނިއު އިޔާ" އާއި "ޗެންނައި އެކްސްޕްރެސް" ހިމެނެ އެވެ.

ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތު މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ "ކިންގް" އަކީ ސުހާނާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކިންގް" ގެ ކާސްޓްގައި އަބީޝެކް ބައްޗަނާއި ޒުވާން އެކްޓަރު މިދިޔަ އަހަރުގެ ކާމިޔާބު ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ބަތަލި އަބޭ ވަރްމާ ވެސް ހިމެނެ އެވެ. ފިލްމުގެ ވިލަން އަކީ އަބީޝެކް ކަމަށްވެ އެވެ.