އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގު ހެދުން ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަގުގެ މަޝްރޫއު ހުއްޓާލައި، މަގު ކުރީގެ މަގަށް ޑައިވްޓު ކުރުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ކުންފުނި ރެނާޓަސްއަށް އަންގައިފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ ގަމުގެ ހިންގަމުން އަންނަ އީކުއޭޓަ ވިލެޖުގެ ބިދޭސީން ތިބޭ ދުވަސްވީ އެކޮމޮޑޭޝަން އިމާރާތެއް ނަގަން ޖެހޭތީ އެކަމާ އެތަނުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އައްޑޫ އެއާޕޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެއިމާރާތް ނެގުމަށް އިކުއޭޓަ ވިލެޖަށް ދެ އަހަރުގެ މުއްދަތެއް ދީފައިވާ އިރު ބަދަލުގައި އެހެން ތަނެއް ވެސް ހަމަޖައްސައި ދީފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ އިމަރާތް ހުސް ނުކޮށް އެންމެ ފަހުން ބާރުގެ ބޭނުންކޮށްގެން މަގުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އިކުއަޓާގެ ބަހެއް ހޯދުމަށް އެތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ވަހީދަށް ގުޅުމުން ވިދާޅުވީ ކުންފުންޏާ ގުޅޭ ކަންކަމުގައި މައުލޫމާތު ދެނީ އެ ކުންފުނީގެ މީޑިއާ އިން ކަމަށެވެ.
ނަމަވެސް މީޑިއާ އޮފިޝަލަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ ގަން އެއާޕޯޓު މަޝްރޫއުގެ ތަރައްޤީގެ ތެރެއިން ގަމުގައި ހުރި ގިނަ އިމާރާތްތަކެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގަމުގައި ކުރިން ހިންގި ސައުތު ލޭންޑާއި، ބައެއް މީހުން ހިންގަމުން ދިޔަ ފިހާރައް ވެސް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނަގަން ޖެހުނު ކަމަށް ވިދާޅުވި އެވެ. އަދި ގަމުގައި ހުރި ފެނަކައިގެ ސަބް ސްޓޭޝަންތައް ވެސް ބަދަލު ކުރަން ޖެހުނެވެ.
ގައިސް ވިދާޅުވީ އީކުއޭޓަ ވިލެޖުގެ މުވައްޒަފުން ތިބޭ އެކަމޮޑޭޝަނާ ގުޅޭ ގޮތުން އޭރު ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އޭރު އެ މީހުން ތިބީ ބަދަލުވާ ގޮތަށް ކަމަށެވެ. ނަމަވެސް ފަހުން ވެރިކަން ބަދަލުވުމުން އެެ މީހުން ސްޓޭންޑު ބަދަލުވީ ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓު މަޝްރޫއުގެ މަގު ހުއްޓުމާ ގުޅިގެން ކުންފުންޏާއި އައްޑޫގެ އެތައް ބަޔަކު އަންނަނީ އައްޑޫގެ ތަރައްގީ އަށް ހުރަސް ނޭޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލަމުންނެވެ.
ގަން އެއާޕޯޓު މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ރެނާޓަސް އިން ފެށީ ޖޫން 4، 2023 ގަ އެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ގަމުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމާއި، ޕެސެންޖަ ޓާމިނަލްގެ ޖާގަ އިތުރުކުރުމާއި، ކާގޯ ޓާމިނަލް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ހެދުމާއި މުޅިން އަލަށް ޢިމާރާތްކުރެވޭ އެއާޕޯޓް ޓަވަރާއި ރެސްކިއު އެންޑް ފަޔަ ފައިޓިން ޢިމާރާތް އަދި އެޑްމިން ޢިމާރާތް ހެދުން ހިމެނެ އެވެ.
މީގެ އިތުރުން ގަމުގެ ޖެޓީ ބޮޑުކޮށް ފުންކުރުމުގެ މަސައްކަތް ވެސް ކުރަން އޮތީ ނިންމައިފަ އެވެ.
ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ ކުރީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ އެއް މަސައްކަތެވެ. އެގޮތުން ގަން އެއާޕޯޓު ތަރައްޤީގެ މަޝްރޫޢު އަކީ ދެކުނުގެ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މި މަޝްރޫޢު އެއްކޮށް ނިންމަން ހަމަޖެހިފައި އޮތީ މި އަހަރުގެ މެދުތެރޭގަ އެވެ.
މަޝްރޫއުގެ އިތުރަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަނީ ގަމުގައި ސިޓީ ހޮޓަލަކާއި، ދެ ބުޓީކް ތަރައްޤީ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިއީ އޭއައިއޭ އިން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެކެވެ.