އައްޑޫ ގަން އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީގެ ކުރުމުގެ ޕްރޮޖެކްޓަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގު ހެދުން ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ އީކުއޭޓާ ވިލެޖުގެ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ގަން އެއާޕޯޓު ޕްރޮޖެކްޓާއި ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ.
ގަން އެއާޕޯޓަށް ފަސޭހަކަމާއި އެކު ދަތުރުކުރުމަށް ތަރައްޤީކުރެވޭ މުހިއްމު މަގެއްގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައިވަނީ، އެ ސަރަހައްދުގައި އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކެއް ހުރުމުގެ ސަބަބުން ކަމަށާއި މީގެ ކުރިން ގަން އެއާޕޯޓް ކުންފުނިން އެތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް އީކުއޭޓާ ވިލެޖަށް ހަމަޖައްސައި ދީފައިވީ ނަމަވެސް، އީކުއޭޓާ ވިލެޖުން، އެފަރާތުގެ އެކޮމޮޑޭޝަން ބްލޮކް ނެގުމަށް ދެކޮޅު ހަދާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
"އެއާޕޯޓު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ ޕްރޮޖެކްޓެއް ކަމަށް ވާތީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިވަގުތަށް އަންގާފައިވަނީ އެ ސަރަހައްދު ބޭނުންނުކޮށް، ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެން،" އަޒާން ވިދާޅުވި އެވެ.
އަޒާން ވަނީ މިކަމާއި ގުޅިގެން މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހިމް އަށް ގުޅުއްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން މާދަމާ އީކުއެޓާ ވިލެޖްގެ ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމާއި އަދި މި މައްސަލައެއް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އަޒާން ހާމަކުރެއްވި އެވެ.
މިކަމާ ގުޅޭ ގޮތުން އިކުއޭޓާ ވިލެޖުގެ ބަހެއް ހޯދުމަށް އެކުންފުނީގެ މެނޭޖަރު މުހައްމަދު ވަހީދުއަށް ގުޅުމުން ވިދާޅުވީ ކުންފުންޏާއި ގުޅޭ ކަންކަމުގައި މައުލޫމާތު ދެނީ އެ ކުންފުނީގެ މީޑިއާ އިން ކަމަށެވެ. ނަމަވެސް މީޑިއާ އޮފިޝަލަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.
އެއާޕޯޓު މަޝްރޫއުގެ މަގު ހުއްޓުމާއި ގުޅިގެން އައްޑޫގެ އެތައް ބަޔަކު އަންނަނީ އައްޑޫގެ ތަރައްޤީއަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ.