އައްޑޫ ގަން އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީގެ ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނޭ މަގެއްގެ މަސައްކަތް ހުއްޓާލަން ޖެހުމުން އައްޑޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގު ހެދުން ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ އީކުއޭޓާ ވިލެޖުގެ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން މުއްތޮލިބް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ ކަމަށެވެ.
މި ޢިމާރާތަކީ އަދި ޢިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށާއި އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ ޢިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން އެ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައި ނުވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.
މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހުސްނުކުރެވި މިހާރު ކުރިއަށް ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތްވުން ކަމަށްވެސް ވިދާޅުވެފަ އެވެ.