އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ހުރަސް ނާޅަން ކައުންސިލުން ގޮވާލައިފި އެވެ.
ކައުންސިލުން އެގޮތަށް ގޮވައިލީ ކުރީގެ ސަރުކާރުން ފެށި އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ގަމުގައި ހަދަމުން އަންނަ މަގުތަކުގެ މަސައްކަތެއްގެ ތެރެއިންގެ މަގެއްގެ މަސައްކަތް ހުއްޓުވައި އެއާޕޯޓް ތަަރައްގީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ހައުސިން މިނިސްޓްރީން އެނގުން މަޝްރޫއު ހުއްޓުމަކަށް އައިސް ގިނަ ބަޔަކު ކަންބޮޑު ފާޅުކުރަމުން ދަނިކޮށެވެ.
އެގޮތުން ގަމުގައި ހިންގަމުން އަންނަ އީކްއޭޓަ ވިލެޖްގެ މުވައްޒަފުންތަކެއް ތިބޭ ދުވަސްވީ އެކޮމޮޑޭޝަން ބްލޮކަކާ ހެދި މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި، އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންްސިލާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) މަޝްވަރާ ކުރުމެއް ނެތި މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމުން ލާމަރުކަޒީ ނިޒާމާއި ޑިމޮކްރަސީގެ ހަމަތަކާ ވެސް ވަރަށް ބީރައްޓެހި ކަމަށެވެ.
އަދި މިއީ މުޅި ދެކުނުގެ ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
"ވީމާ ގަން އެއާޕޯޓް ތަރައްގީ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލި ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖާ ކުރުމަށް ކައުންސިލަރުންނާއި އައްޑޫގެ ރައްޔިތުންގެ ނަމުގައި ކައުންސިލުން ސަރުކާރަށް އިލްތިމާސް ކުރަން." ބަޔާނުގައި ބުންޏެވެ.
ކައުންސިލުން ބުނީ ދައުލަތުހެ ބޭނުމަށްޓަކައި ބޮޑެތި ރަށްތައް ހުސްކުރުވައި ބޮޑެތި ހަރަދުތަކާއި ބަދަލު ދޭން ޖެހޭ ފަރާތްތަކަށް ސަރުކާރުން ބަދަލު ދެމުން އަންނަ އިރު، އައްޑު އާއި މުޅި ދެކުނުގެ ތަރައްގީ އަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތްކޮށްފާނެ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރަން ވެސް ދަތިވެދާނެ ކަމަށެވެ.
"އައްޑޫގެ ތަރައްގީގެ މައި ނާރެހަކީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުކަމުގައި އެންމެހާ ރައްޔިތުން ގަބޫލުކުރާނެކަން އެމގޭ ހާލު ހަމައެކަނި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ސުލްހަވެރިކޮށް ވާހަކަ ދައްކައިގެން ހައްލު ކުރެވެން އޮތް ކުޑަ މައްސަލައެއް ހައްލު ނުކުރެވުމަކީ ހިތާމަކުރާ ކަމެއް." ކައުންސިލުން ބުންޏެވެ.
ބަޔާނުގައި ބުނީ ގަމުގައި ބާވެ ވީރާނާވެފައިވާ އިމާރާތެއް ސަރުކާރުގެ ބޭނުމަށް ނުނެގި އޭގެ ސަބަބުން މުޅި ދައުލަތް އަމިއްލަ ކުންފުންޏެއްގެ ކުރިމައްޗަށް އާދޭސްކުރަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.