ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފި އެވެ.
އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފަ އެވެ.
އައި.ޕީ.ޔޫ.ގެ މިފަހަރުގެ އެސެމްބްލީގެ މައުޟޫޢު ކަމަށްވާ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރަށްވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ފާހަގަކުރެއްވި އެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ޤާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އަދި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރުމަށް ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކެވި އެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިޤްތިޞާދީ ބާރުވެރިކަން ކުރިއަރުވައި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ފާހަގަކުރެއްވި އެވެ.