Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

ރާއްޖޭގައި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވާފައިވާއިރު، މި ފެކްޓަރީ އަކީ ޖަޕާންގެ އަމިއްލަ ކުންފުންޏަކުން ގާއިމުކޮށް ހިންގާ ތަނެކެވެ. އެ ފެކްޓަރީ ހަދަން 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށާއި ކަންކަން ކުރިއަށްދާނީ ފެށުމުން ކަމަށެވެ. ރައީސް ޑރ މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިތްވަރުދިނުން ކަމަށާއި އެގޮތުން މިކަމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ދިއްދޫ ކައުންސިލުން ބުނީ ރަށުގައި ހުޅުވި ލޮނު އުފައްދާ ފެކްޓަރީގައި އިތުރު ވަޒީފާތަކެއް އުފެދި ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000ރ. ލިބޭނެ ކަމަށެވެ.

ދިއްދޫގައި ހުޅުވި ފެކްޓަރީން އުފައްދާ ލޮނު ޖަޕާނަށް ވެސް އެކްސްޕޯޓްކުރަން ހަމަޖެހިފައިވާ އިރު ރާއްޖޭގެ ރިސޯޓުތަކަށް އެތަނުން ފެންވަރު ރަނގަޅު ލޮނު ސަޕްލައިކޮށް ދޭނެ އެވެ.

ފެކްޓަރީގައި ތިން ބާވަތެއްގެ ލޮނު އުފައްދާނެ އެވެ. އެއީ ކާން ބޭނުން ކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނެވެ.

ފެކްޓަރީން އުފައްދާ ލޮނަށް ދީފައިވާ ނަމަކީ 'ޓެންޕީ ސަން ސޯލްޓް' އެވެ.