Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

މައްސަލަ ދިމާވަނީ ސިޔާސީ ބޭނުމަށް ޕްރޮޖެކްޓުތައް ހިންގާތީ

ފޭދު އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު - ފޮޓޯ: މަޖިލިސް

އައްޑޫ ގަން އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީގެ ކުރުމުގެ ޕްރޮޖެކްޓުގައި މައްސަލަތައް ދިމާވަނީ ސިޔާސީ ބޭނުމަށް އަވަސް އަރުވާލުމުން ކަމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގު ހެދުން ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ އީކުއޭޓާ ވިލެޖުގެ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނިޒާރު ވިދާޅުވީ މިފަދަ ކަންކަން މިހެން ދިމާވަނީ ރަނގަޅު ޕްލޭނެއް ނެތި އަވަސްކޮށް ސިޔާސީ ބޭނުމަށް އިންތިހާބުތަކާއި ދިމާކޮށް ޕްރޮޖެކްޓުތައް ކުރިއަށް ގެންދާތީ ކަމަށާއި މިވަރުގެ މަސައްކަތެއް ހަވާލުކުރާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

"މައްސަލަ ދިމާވެގެން އުޅޭ ވީރާވާ ވެފައި ހުރި އެ އިމާރާތް އެތަނުގައި މީގެކުރިން ވެސް ހުރި. އެކަންކަން ނުބަލައި ރޭވުންތެރިކަމެއް ނެތި ޕްރޮޖެކްޓުތައް ހަވާލުކުރުމުން ކަންކަން ދިމާވާނެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއް،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިކަމާ ގުޅޭ ބައްދަލުވުންތައް މާދަމާ ވެސް ކުރިއަށް ގެންދާނެ ވާހަކަ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި މިކަން އައްޑޫ ރައްޔިތުން ބޭނުންވާ ގޮތަށް ގޮސް ނިންމަން ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ދޭނެ ކަމަށާއި އަދި މިކަމަށް އަވަސް ހައްލެއް ލިބި ޕްރޮޖެކްޓު އަވަހަށް ނިންމަން މަޖިލިސް އަދި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިން ހުސްނުކުރެވި މިހާރު ކުރިއަށް ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތްވުން ކަމަށްވެސް ވިދާޅުވެފަ އެވެ.