Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

"ތި ޓެސްޓު ކުރަނީ އައްޑޫ ރައްޔިތުންގެ ކެތްތެރިކަމުގެ ލިމިޓް"

މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) - ފޮޓޯ: މަޖިލިސް

މި ސަރުކާރުން ދަނީ ބޮޑުތަނުން އައްޑޫ ސިޓީއަށް އިހުމާލުވަމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.

އައްދު މިހެން ވިދާޅުވި އިރު އައްޑޫ ގަން އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގެއްގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ އީކުއޭޓާ ވިލެޖުގެ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން އައްދު ވިދާޅުވީ 100 އަހަރުވާން ގާތްވެފައިވާ އިމާރަތަކާ ހެދި ގަމުގެ ތަރައްގީގެ ޕްލޭނަށް އެއްވެސް ބަދަލެއް ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން އައްޑޫ ތަރައްގީ އަށް ކުރީ ސަރުކާރުން ކުރަން ފަށާފައިވާ ކަމެއްގެ ފެންވަރު ދަށްކުރުން، ހުއްޓުވުން ނޫންކަމެއް އަދި ކޮށްދީފައި ނެތް ކަމަށެވެ.

"ހަންކެޑެ ޕްރޮޖެކްޓް ހުއްޓިއްޖެ. މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިއްޖެ. ކުރެވުނު ކަމަކީ ގަމަށް އެކުލެވުނު ތަރައްގީގެ ޕްރޮޖެކްޓަށް ބަދަލު ގެނެސް ޑްރޯންބޭސްއެއް ހެދުން. ކުރީ ސަރުކާރުން ލޯނު ނަގައިގެން ދައުލަތުން ބޮޑު ހަރަދުކޮށްގެން އައްޑޫ ފަޅުގައި ހިއްކި ރަށްތަކެއް ހުރިކަން އެނގޭ ބަޔަކު ނެތް. އެތަންތަން ބަޔަކާއި ހަވާލުކޮށް އާމްދަނީ ލިބޭނެ ގޮތެއް ނެހެދޭ. އަހަރު ދުވަހުން ހުޅުވަން ވައުދުވި ޝަންގްރިލާ ރިސޯޓް ހަމަ އެހެން އައްޑޫ ބޭސް ފިހާރައަކުން ހަމަޔަށް ބޭހެއް ނުލިބޭ. މުޅި ސިޓީގެ ކަރަންޓުގެ ހާލަތު އަދިވެސް އެހާ ގޯސް. ހަމަޔަކަށް ކަރަންޓެއް ނުލިބޭ،" އައްދު ވިދާޅުވި އެވެ.

އައްދު ވިދާޅުވީ ސަރުކާރަށް ސަނާކިޔާ ބަޔަކަށް މިކަން ނުފެނުނަސް އައްޑޫ ބާކީ ރައްޔިތުންނަށް މިކަން ފެންނަ ކަމަށާއި ސަރުކާރުން ދަނީ ބޮޑުތަނުން އައްޑޫއާއި ދޭތެރޭ އިހުމާލުވަމުން ކަމަށެވެ. އަދި ކަމެއް ނުވެ ފަސް އަހަރުގެ ދައުރެއް ނިމިގެން ދާއިރު ވެސް ޕާޓީ ކުދިން ތިބޭނީ ކުރީ ސަރުކާރޭ ކިޔައި މުސާރަ ހަލާލު ކުރަން ކަމަށްވެސް ވިދާޅުވި އެވެ.

"ގަމަކީ އީކުއޭޓާ ވިލެޖް އަދި ގަން ހިންގާބަޔަކުގެ ތަރިކަ މުދަލެއް ނޫން. އެތަނަކީ އައްޑޫގެ ތަރައްގީގެ ނާރެސް. އައްޑޫގެ ޓުއަރިޒަމް އަދި އިގްތިސާދުގެ ދޮރާށި. ތި ޓެސްޓް ކުރަނީ އައްޑޫ ރައްޔިތުންގެ ކެތްރިކަމުގެ ލިމިޓް، އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން އަދި މިދެނީ ބޮޑުތަނުން ދޯކާ،" އައްދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިން ހުސްނުކުރެވި މިހާރު ކުރިއަށް ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.