އައްޑޫ ސިޓީ ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓިފައި ނުވާ ކަމަށާއި އެ މަޝްރޫޢު ކުރިއަށްދާ ކަމަށް ސ.ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އައިބީ ވިދާޅުވިގޮތުގައި، ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢު އަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުނު ހިސާބުން ފެށިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އައިބީ ވިދާޅުވި ގޮތުގައި ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢު އަކީ ކުޑަ ޕްރޮޖެކްޓެއް ނޫން ކަމަށާއި، އެކަން ނުފެށި ލަސްވަނީ ޤާނޫނީ ގޮތުން ނިންމަން ޖެހޭ ބައެއް ކަންތައް ހުރުމުން ކަމަށެވެ.
"ފޭދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓަކީ 25 ރުފިޔާގެ ޕްރޮޖެކްޓެއް ނޫން. މިދައްކަނީ 18 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ވާހަކަ. އެހެންވީމާ ވަރަށް ބޮޑަށް ބަލައިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ" އައިބީ ވިދާޅުވިއެވެ.
ފޭދޫ ބިންހިއްކުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ކީއްވެގެންތޯ އެހުމުން އައިބީ ވިދާޅުވީ އޭގައި ތަފާތު މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންވަޔަރަމެންޓް މިނިސްޓްރީ އިން ނިންމަން ޖެހޭ ކަންތައް ތަކެއް ވެސް އެބައުޅޭ ކަމަށެވެ.
" ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢު ދަނީ ކުރިއަށް. އެ މަޝްރޫޢު ފެށުނު ކަމަށް ވަނީ ހޮޅިން ފެން ވެއްޓެން ފެށީމައެއް ނޫން " އައިބީ ވިދާޅުވިއެވެ.
މިދިޔަ އެޕްރީލް މަހު “ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ފޭދޫ ކެމްޕޭން އޮފީސް”ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، 2 މަސް ދުވަހުގެ ތެރޭގައި ފޭދޫގެ ބިން ހިއްކަން ފެށޭނެ ކަމަށް މިހާރުގެ ނައިބު ރައީސް އަހްމަދް އަދީބު ވެސް ވަނީ ވިދާޅުވެފައެވެ.
ފޭދޫ ރައްޔިތުން ބުނާ ގޮތުގައި "ބިން ހިއްކަން ނުފަށަނީސް އެއީ ވެދާނެ ކަމެއް ކަމަށް ދެން ޤަބޫލެއް ނުކުރާނެ" އެވެ. އެހެން ނަމަވެސް އެމީހުން ޤަބޫލުކުރާ އެއްކަމެއް އެބައޮތެވެ. ދާއިރާގެ މެންބަރު މަސައްކަތް ކުރައްވައިފި ނަމަ އެކަން ކުރެވިދާނެ ކަމަށެވެ.
އައިބީ ހުންނެވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމުގެ ޔަޤީން ކަމުގައެވެ. ފޭދޫގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ ޔަޤީންކަން އައިބީ ވިދާޅުވާ ގޮތުގައި އެބޭފުޅާއަށް އެބައޮތެވެ.