ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިއީ 2006 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި އާސެނަލާއި ރެއާލްގެ ފުރަތަަމަ ކުރިމަތިލުމެވެ. އެފަހަރު އާސެނަލުން ވަނީ ރެއާލް ކަޓުވާލާފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އާޓެޓާ ބުނީ މި މެޗުން މޮޅުވެވޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށާއި މިކަން ކުރުމަށް 60،000 މީހުން ސްޓޭޑިއަމަށް އައިސް މިރޭ ޓީމަށް ހުއްޓުމެއް ނެތި ސަޕޯޓު ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ސަޕޯޓަރުންނަކީ މި މެޗުގައި ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ބައެއް ކަމަށް އާޓެޓާ ބުންޏެވެ.
ރެއާލަކީ މޮޅެތި ކުޅުންތެރިން ގިނަ ޓީމެއްކަން ފާހަގަކުރަމުން އާޓެޓާ ބުނީ އެޓީމަކީ ކޮންމެ ވަގުތެއްގައި ވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރެވިދާނެ ފަދަ ޓީމެއް ކަމަށެވެ. ނަމަވެސް ރެއާލްގެ ބަލި ފައިތަކަށް ނުރައްކާ ކުރެވޭނެ ވަރުގެ ފެންވަރު އާސެނަލްގައި ވެސް އެބަހުރި ކަމަށް އާޓެޓާ ބުންޏެވެ.
މި މެޗަށް ނިކުންނައިރު އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަށް އަނިޔާވެ ސީޒަން ނިމިފައިވާއިރު އާޓެޓާ ވަނީ އޭނާ ނެތްތަން ފޫބައްދާނެ ގޮތެއް މިހާރު ހޯދައި ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި ބުކާޔޯ ސަކާ އާއި ބެން ވައިޓް އަދި ޖޫރިއެން ޓިމްބާ ފަދަ ކުޅުންތެރިން މިރޭގެ މެޗުގައި ކުޅެވޭނެ ކަމަށް އާޓެޓާ ބުންޏެވެ.
އާސެނަލް އާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.