ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދަން އިރާނުން އެންމެފަހުން ނިންމައިފި އެވެ.
އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އެމެރިކާއާއެކު ކުރިއަށްގެންދާ މަތީ ފަންތީގެ ނުރަސްމީ ވާހަކަތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އޮމާންގައި ކަމަށެވެ.
މިއީ ނުރަސްމީ ވާހަކަތަކެއް ކަމަށް އިރާނުން ބުނި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭގޮތުން އެގައުމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރަސްމީ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ނިއުކްލިއާ އެއްބަސްވުމަކަށް އައުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށާއި އިރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެއިތުރުން ޓްރަމްޕް ވަނީ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބިއްޖެނަމަ އިރާނަށް ނުރައްކާ އޮންނާނެ ކަމަށްވެސް އިންޒާރު ދީފަ އެވެ.
ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭގޮތުން ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް އިރާނާއި އެމެރިކާ އިން ނުރަސްމީ ވާހަކަތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް މާބޮޑު ކުރިއެރުންތަކެއް އެ ވާހަކަތަކުން ލިބިފައެއް ނުވެ އެވެ. އިރާނާއި އެމެރިކާ އިން ރަސްމީކޮށް އެންމެފަހުން ވާހަކަތައް ބޭއްވީ 2015 ގަ އެވެ.
އެފަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުން ތަންފީޒު ކުރުން ހުއްޓުނީ ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގަ އެވެ. އެގޮތުން އެއްބަސްވުމުން ވަކިވެ، އިރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން ޓްރަމްޕް ފެށި އެވެ. އެހެންވެ، އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލީ އެވެ.