Last Updated: April 8, 14:01
Tuesday, April 8, 2025
ޚަބަރު

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީ

މާފަރު އެއާޕޯޓު --

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ)ގެ ޓާމިނަލް، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަނުން އިއުލާނުކޮށްފި އެވެ.

މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ކުރި އިއުލާނުގައިވާ ގޮތުން އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއުގެ ބިޑް ރެޖިސްޓްރޭޝަން މި މަހުގެ 17 ވަނަ ދުވަހުގެރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި އަދި ބޭރު ކުންފުނިތަކަށް ވަނީ ހުޅުވާލާފަ އެވެ.

މާފަރު އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވިއަން އިން ވަނީ މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.

މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ.