ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ އެކީގައި ކުޅޭ ފިލްމު "ކިންގް" ގެ ރޯލަކަށް ދީޕިކާ ޕަދްކޯން ނަގާފައިވާ ކަމަށާއި އެ ފިލްމުގައި އޭނަ ކުޅޭނީ ސުހާނާގެ މަންމަގެ ރޯލު ކަމަށް މީޑިއާތަކުން އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސައްހަ ނޫންކަމުގެ އިޝާރާތެއް ޑައިރެކްޓަރު ސިދާތު އާނަންދު ދީފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން އިއްޔެ ވަނީ "ކިންގް" ގައި ހިމެނޭނީ ދީޕިކާގެ އެކްސްޓެންޑެޑް ކެމިއޯއެއް ކަމަށާއި އޭނަގެ ކެރެކްޓާ އަކީ ސުހާނާގެ މަންމަގެ ރޯލު ކަމަށް ބުނެފަ އެވެ. އެފަދަ ވާހަކަ ދެކެވެމުން ދަނިކޮށް ސިދާތު ވަނީ އެކްސް ޕޯސްޓެއްގައި "ފޯލްސް" އޭ ބުނެފަ އެވެ.
އިތުރު އެއްވެސް އެއްޗެއް އޭނަ ހިއްސާނުކުރާ އެ ޕޯސްޓާ އެކީ މިހާރު ގިނަ ބަޔަކު ބުނަނީ ސިދާތު އެ ދިނީ "ކިންގް" އަށް ދީޕިކާ ނުނަގާކަމުގެ އިޝާރާތެއް ކަމަށެވެ.
False.
— Siddharth Anand (@justSidAnand) April 7, 2025
އެ ފިލްމަށް ދީޕިކާ ނެގިކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، ފިލްމަށް ކަރީނާ ނަގަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އަރާފައިވެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ދީޕިކާ އަކީ ސިދާތު އެންމެ ފަހުން ގެނެސްދިން ދެ ފިލްމުގެ ވެސް ބަތަލާކަމެވެ. އެއީ މިދިޔަ އަހަރު ރިތިކް ރޯޝަނާ އެކު ގެނެސްދިން "ފައިޓާ" އާއި ޝާހްރުކްގެ 2023 ގެ "ޕަތާން" އެވެ. ސިދާތާ އެކު ދީޕިކާ މަަސައްކަތްކުރި ފުރަތަމަ ފިލްމަކީ ރަންބީރް ކަޕޫރްގެ 2008 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ.
ސިދާތު ބުނެފައިވާ ގޮތުގައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ކިންގް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި އަބީޝެކް ބައްޗަނާއި ޒުވާން އެކްޓަރު އަބޭ ވަރުމާ ވެސް ހިމެނެ އެވެ. ނަމަވެސް ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތު މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ ކާސްޓާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައެއް ކަށަވަރެއް ނުވެ އެވެ.
"ކިންގް" އަކީ ސުހާނާގެ ދެވަނަ ފިލްމެވެ. ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅުގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.