ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް 'ޖެނެރޭޝަން ބޭން' ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި ހެލްތު މިނިސްޓްރީން ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުމުގައި 'ޖެނެރޭޝަން ބޭން' ކާމިޔާބުކޮށް ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން ލަފާ ދީފައިވެ އެވެ.
ރާއްޖޭގެ ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅާފައިވާ 'ޖެނެރޭޝަނަން ބޭން' ކަނޑައަޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ "ރައްޔިތުންނާ އެކު" ގެ ނަމުގައި އެ މަނިކުފާނު ފެއްޓެވި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި މިދިޔަ މަހުގެ 27 ގަ އެވެ.
ރައީސް މިހާރު އޮތީ އެކަން ކަނޑައަޅާނެ ތިން އުމުރުފުރައަކަށް އާންމުންގެ ހިޔާލަށް ވެސް އެކްސްގައި ހުޅުއްވާލައްވައިފަ އެވެ.
1. ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2. ޖެނުއަރީ 1، 2004 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
3. ޖެނުއަރީ 1، 2000 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
ރައީސް ވިދާޅުވި ގޮތުގައި ޕޯލަށް ހުޅުވާލެއްވި އެ ތިން ގޮތަކީ އުމުރުން 18-25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން ދުންފަތުގެ އިސްތިއުމާލުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެތީ އެކަމަށް ރިއާޔަތްކޮށް އުމުރު ކަނޑައެޅުމެވެ.