ޓޮމް ކްރޫޒްގެ ވަރުގަދަ ސްޓަންޓްތަކާއި އެކްޝަން ވެސް ދައްކުވައިދޭ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ 8 ވަނަ ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.
ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގަ އެވެ.
"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ޑައިރެކްޓްކުރީ މި ސީރީޒްގެ އެންމެ ފަހުގެ ތިން ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޮފާ މެކްއަރީ އެވެ. އޭނަ 2023 ގައި ގެނެސްދިން "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން" އަކީ ބޮކްސް އޮފީހުގައި 570.6 މިލިއަން ޑޮލަރުުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ގެނެސްދިނީ 219 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ގެ ކާސްޓްގައި ވަނެސާ ކާބީ، ސައިމަން ޕެގް، ހޭލީ އެޓްވެލް، ވިންގް ރޭމްސް، ހެންރީ ޒެމީ އަދި އެންޖެލާ ބެސޭ ހިމެނެ އެވެ.
ހޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "މިޝަން އިމްޕޮސިބަލް" ގެ ފެށުމަކީ 1996 ގައި ގެނެސްދިން ފިލްމެވެ.