Last Updated: April 17, 02:31
Wednesday, April 16, 2025
ޚަބަރު

ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވާލައިފި

އައްޑޫގެ ފަޅުރަށެއް ކަމަށްވާ ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އެ ރަށް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ސަވާހިލި ޓޫރިމަށް ހުޅުވައިލީ އައްޑޫގެ މިހާރު ހިންގަމުން އަންނަ ޓޫރިސްޓް ފެސިލިޓީތަކަށް ހާއްސަ މެނޭޖްމަންޓް ފެސިލީޓީއެއް ގޮތަށް ތަރައްގީ ކުރުމަށެވެ. އެގޮތުން މަދުވެގެން 10 ކޮޓަރި އެ ރަށުގައި ހުންނަ ޖެހެ އެވެ. މީގެ އިތުރުން ރެސްޓޯރަންޓަކާއި ބާއަކާއި އިންޑޯ/އައުޓްޑޯ ސްޕޯޓްސް ފެސިލިޓީ އާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ސްޕާ/ވެލްނެސް ސެންޓަރަކާއި ޕޫލާއި އަދި އެ ނޫން ވެސް ޓޫރިސްޓް އިތުރު ފެސިލިޓީތައް ސަވާހިލީގައި ހަދަން ޖެހެ އެވެ.

އެ ރަށް ޓޫރިޒަމަށް ދޫކުރަނީ 50 އަހަރަށެވެ.

ސަވާހިލި ތަރައްގީ ކުރުމުގެ ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ދިވެހި ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ 15،000ރ. އަށެވެ. ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 1،000 ޑޮލަރަށެވެ.

ސަވާހަލި ޓޫރިޒަމަށް ތަރައްގީ ކިރަން ހުޅުވައިލަން ނިންމުމާ ގުޅިގެން މައުލޫމާތު ދޭން ބާއްވާ ޕްރީ-ބިޑް މީޓިން މި މަހުގެ 22 ގައި އޮންލައިންކޮށް ބާއްވާނެ އެވެ. ކައުންސިލުން ބުނީ ބިލަން ގަންނަ ފަރާތްތަކަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވާނެ ކަމަށެވެ.

ބީލަން ހުޅުވަން އޮންނާނީ އަންނަ މަހުގެ 15 ގައި ކައުންސިލް އިދާރާގައި އެ ދުވަހުގެ މެންދުރު ފަހު 1:00 ގަ އެވެ.

އައްޑޫގެ މަދު ފަޅުރަށްތަކުގެ ތެރޭގައި ހިމެނޭ ސަވާހިލި އަކީ މަރަދޫފޭދު އާއި ފޭދޫއާ ދޭތެރޭ، ފުއްޓަރުގައި އޮންނަ ކުޑަކުޑަ ރަށެކެވެ. އެ ރަށް ޓޫރިޒަމަށް ހާއްސަ ރަށެއްގެ ގޮތުގައި ކައުންސިލުން ކަނޑައެޅީ 2021 ގެ ތެރޭގަ އެވެ.

ފޭދޫ ޓޫރިޒަމް ޒޯނާ ދިމާލުން ސަވާހިލި ފެންނަ ގޮތް. ފޮޓޯ/ އަހުމަދު ފާރިސް

ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވައިލި އިރު، އައްޑޫ ބިން ހިއްކަން އެމްޑީޕީ ސަރުކާރުން 2023 ގައި ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ތިން ރަށެއް ވެސް ހިއްކާފައިވެ އެވެ. އެއީ ހިތަދޫ ފަޅުތެރެއިން ހިއްކާފައިވާ ދެ ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ ރަށެކެވެ.

އެ ތިން ރަށުގެ ތެރެއިން ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ ދޮންދީނިހެރަ އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ކިޔަމީ ބޮލިހެރަ އެވެ. މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ ދޮންހެރަ އެވެ.

މިއިން އެއްވެސް ރަށެއްގައި އަދި މިހާތަނަށް މަޝްރޫއެއް ހިންގަން ހަމަޖެހިފައެއް ނެތެވެ.