ތެލެގޫ އެކްޓަރު އައްލޫ އަރުޖުން ހިމަނައިގެން ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތަކެއް މިއަދު ދައްކާލައިފި އެވެ.
އެ ފިލްމު އުފައްދާ ސަން ޕިކްޗާސް އިން މިއަދު ސޯޝަލް މީޑިއާ އާންމުކުރި ވީޑިއޯއެއްގައި ފިލްމުގެ ޓީމުގެ ބައްދަލުވުންތަކަކާއި އެމެރިކާގެ ސްޓޫޑިއޯއަކަށް ޒިޔާތަތްކޮށް، އައްލޫގެ ލުކް ޓެސްޓަކަށް ކުރި މަސައްކަތުގެ މަންޒަރުތަކެއް ވެސް ދައްކާލާފައިވެ އެވެ.
ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ފިލްމަކީ ގިނަ އަދަދެއްގެ ވީއެފްއެކްސް ވެސް އެކުލެވޭނެ ފިލްމެކެވެ.
ނަން އަދި އިއުލާން ނުކުރާ މި މި ވަރުގަދަ ފިލްމު ސަން ޕިކްޗާސް އިން ސިފަކޮށްފައި ވަނީ ސްކްރީންގައި ޖާދޫ ދައްކުވައި ދޭނެ "މެގްނަމް އޯޕަސްއެއް" ގެ ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާގެ ރޯލު ޕްރިޔަންކާ ޗޯޕްޅާ އަށް ވަނީ ހުށަހަޅައިފަ އެވެ. ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ފަހުކޮޅު އެވެ. އެޓްލީގެ މި ފިލްމު ވާނީ މިދިޔަ އަހަރު ރިލީޒްކުރި "ޕުޝްޕާ 2" އަށް ފަހު އައްލޫ ކުޅޭ ފުރަތަމަ ފިލްމަށެވެ.
އެޓްލީ އަކީ ޝާހްރުކް ޚާންގެ 2023 ގެ "ޖަވާން" ގެނެސްދިން ޑައިރެކްޓަރެވެ. އައްލޫއާ އެކު އޭނަ ހަދާ ފިލްމަކީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ހަ ވަނަ ފީޗާ ފިލްމެވެ.
އައްލޫއާ އެކު އެޓްލީ ފިލްމެއް ހަދަން ނިންމީ ސަލްމާން ޚާނާ އެކު ޕްލޭންކުރި ފިލްމަށް ބަޖެޓްގެ މައްސަލަތަކެއް ދިމާވެ، އެ ކުރިއަށް ގެންދެވޭ ގޮތް ނުވުމުންނެވެ.