Last Updated: April 17, 06:16
Thursday, April 17, 2025
މުނިފޫހިފިލުވުން

އަޖޭގެ 'ރެއިޑް 2' ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ ފުރަތަމަ ދުވަހި ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ރެއިޑް 2" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ 2018 ގައި ގެނެސްދިން "ރެއިޑް" ގެ ދެވަނަ ބައެވެ. މިއީ ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް ޑިޕާޓްމަންޓްގެ އޮފިސަރަކާއި އޭނަގެ ޓީމް ކުރާ މަސައްކަތް ދައްކުވައި ދިން ކްރައިމް ތުރިލާއެކެވެ.

އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު "ރެއިޑް 2" ވެސް ގެނެސްދެނީ ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ އެވެ.

މީގެ ބަތަލާ އަކީ ޖޭއާ އެކު އަލަށް މަސައްކަތްކުރި ވާނީ ކަޕޫރެވެ. "ރެއިޑް 2" އަންނަ މަހުގެ 1 ގައި ގެނެސްދޭ އިރު، ވާނީ އާއި ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާން ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "އަބީރް ގުލާލް" އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރެއިޑް 2" އިން ރިތޭޝް ދޭޝްމުކް ވެސް ފެންނާނެ އެވެ.

މި ފިލްމަކީ މި އަަހަރު ރިލީޒްވާ އަޖޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "އާޒާދު" އެވެ.