Last Updated: April 17, 06:16
Thursday, April 17, 2025
ޚަބަރު

އައްޑޫ ލިންކް ރޯޑް ހަދަން ހަވާލުކޮށްފި

އައްޑޫ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު ޒަމާނ ފެންވަރަށް އަލުން ހަދަންް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެެވެ.

އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިތެވެ.

މިނިސްޓަރު ވިދާޅުވީ ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުންނ 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

އަމާޒަކީ ލިންކު ރޯޑުގެ މަސައްކަތް 2028 ގެ ކުރިން ނިންމުމެވެ.

"ލިންކް ރޯޑްގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ ލިންކް ރޯޑު ފުޅާކުރުމަށްޓަކައި އަލަށް ވެލި އަޅައިގެން މީގެ ކުރިން ވެސް ކަނޑައަޅާފައިވާ ސަރަހައްދު ވެސް. މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުން އޮންނާނެ." މުއްތަލިބް ވިދާޅުވި އެވެ.

މި މަޝްރޫއު އާރްޑީސީއާ ޙަވާލުކުރީ ށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަޝްރޫއުގެ އަގަކީ 829 މިލިޔަން ރުފިޔާ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ހުޅުވި މަގެކެވެ. އެ މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދި މަގު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމާ ގުޅިގެން ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.