ޖޫން މަހު ރާއްޖެ އިން ބޭރުގައި ބާއްވާ ދެ މުބާރާތަކާ ގުޅުވައި ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.
އެތަނުން މިއަދު ބުނީ ޖޫން މަހު ބާއްވާ ސްރީ ލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާއި އެ މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑް ނެގުމަށާއި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް ކުލަބުތަކުގެ ކުޅުންތެރިން އެދެމުން އަންނަ ކަމަށެވެ.
އެގޮތުން ސަރުކާރާއި އެފްއޭއެމް ގުޅިގެން ފީފާ އާއި އޭއެފްސީގެ އުސޫލުތަކާ އެއްގޮތަށް މުބާރާތެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށް ބުންޏެވެ. އެހެންވެ އެ މުބާރާތުގައި ކުޅެން ޝައުގުވެރިވާ ކުލަބުތަކުން ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ގޮތެއް އަންގައި ދޭން އެދިފައިވެ އެވެ.
މި މުބާރާތް ކުޅެން ނިންމާފައިވަނީ މި މަހުގެ ފަހު ހަފުތާ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. އަދި މުބާރާތުގައި އޭއެފްސީ ކުލަބު ލައިސަންސާއި ރެލިގޭޝަން ނޯންނާނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. އޭގެ ބަދަލުގައި މިއީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށާއި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ކޮށްދެވޭނެ މަސައްކަތަކަށް ވާނެ ކަމަށް ބުންޏެވެ.
ހިޔާލު ފާޅުކުރައްވާ