ހުޅުމާލޭގައި ގާއިމުކުރާ އެކުއެޓިކް ކޮމްޕްލެކްސް އަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމުގައި ބޮޑު ހިއްސާއަކަށް ވާނެ ވަސީލަތަކަށްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް އިއްޔެ ބައްލަވާލެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކްސް ކޮމްޕްލެކްސް އަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރާ ކޮމްޕްލެކްސްއެއް ކަމަށެވެ.
މި ކޮމްޕްލެކްސްގައި ފެތުމަށް ހާއްސަ ޕޫލަކާއި، ޑައިވް ޕޫލެއްގެ އިތުރުން، 1،200 މީހުންނަށް ކުޅިބަލަން ތިބެވޭނެ އިންތިޒާމްތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ޖިމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރެސްޓޯރަންޓްތަކާއި، ކޮމްޕްލެކްސްގައި ހުންނަންޖެހޭ އެހެނިހެން ޚިދުމަތްތައްވެސް ހިމެނޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަސީލަތްތައް ނެތުންކަމަށާއި، މިގޮތުން ފެތުމަށް ބަލާއިރު ވެސް ހާލަތަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ރާއިފު ވިދާޅުވީ ސަރުކާރާ ގުޅިގެން އަމިއްލަ ފަރާތަކުން ޤާއިމްކުރަމުން އަންނަ އެކުއެޓިކް ކޮމްޕްލެކްސްގައި ހިމެނޭ ސްވިމިން ޕޫލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަންވެސް ވަރަށް އެކަށީގެންވާ ވަސީލަތެއް ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސްވިމިން އިތުރު ހަރުފަތަށް ކުރިއަށްޖެހި ކުޅުންތެރިންނަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ފެސިލިޓީއަކަށް ވާނެ ކަމަށްވެ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްވިމިން ޕޫލެއް ނެތުން ކަމަށާއި، ނަމަވެސް އާ ފެސިލިޓީއާއެކު ރާއްޖޭގައި މުބާރާތްތައް ބޭއްވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.