އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.
ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހެޅީ ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.
އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ހިންގަމުން އަންނަ ބުނެ ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ޓީމުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ދިން ޖަވާބު ފެންނަ ފޮޓޯއެއް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ހިއްސާކުރެއްވި އިރު އޭގައި ބުނެފައިވާ ގޮތުން އޭސީސީގެ ސިޓީއާ ގުޅިގެން ޖިނާއީ ކުށުގެ އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެ އެ މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ އެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.