Last Updated: April 17, 11:14
Thursday, April 17, 2025
މުނިފޫހިފިލުވުން

ބާބިލް 'ލޮގްއައުޓް' ވާނީ 18 ގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު، ބާބިލް ޚާންގެ އާ ފިލްމު "ލޮގްއައުޓް" މި މަހުގެ 18 ގައި ޒީ5 އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

މި ސައިބަ ތުރިލާ އަކީ ބިސްޕަވާތީ ސަރުކާރުގެ ސްކްރީންޕްލޭއަކަށް އަމިތު ގޮލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ލޮގްއައުޓް" ގައި ދައްކުވައި ދޭނީ ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ކަމަށްވާ ޕްރަތިއޫށް ކިޔާ ޒުވާނަކު 10 މިލިއަން ފޮލޯވަރުން ހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް، ފޮލޯވަރަކު އޭނަގެ ޑިވައިސްތަކަށް އެކްސެސްވުމުން ދެން ހިނގައިދާ ހާޖާނުގަނޑެކެވެ.

މި ފިލްމުގެ ކާސްޓްގައި ރާސިކާ ޑުއްގަލް އާއި ގަންދަރު ދީވަން ވެސް ހިމެނެ އެވެ.

"ލޮގްއައުޓް" އަކީ ކުރީގެ އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު، ބާބިލް، 26، ގެ ތިން ވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2002 ގައި ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު އަންވިތާ ދަތުގެ "ގަލާ" އެވެ. އޭގެ ފަހުން ބާބިލް ފެނިފައި ވަނީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ފްރައިޑޭ ނައިޓް ޕްލޭން" އިންނެވެ.

ބާބިލް ވަނީ ނެޓްފްލިކްސް އިން އެ އަހަރު ގެނެސްދިން ޔާޝްރާގް ފިލްމްސް (ވައިއާރްއެފް) ގެ ވެބް ސީރީޒް "ދަ ރެއިލްވޭ މެން" ގެ ރޯލެއް ވެސް ކުޅެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮލީވުޑްގެ ކުރީގެ އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔާޝްވަރްދަން އަހޫޖާ މި އަހަރު ބޮލީވުޑަށް ތައާރަފު ކުރަން ގެނެސްދޭ ފިލްމުން ބާބިލް ފެންނާނެ އެވެ. އަދި މި ފިލްމު ވާނީ އޭނަގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމަށެވެ.