ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޚާއްޞަކޮށް ޖަމާޢަތުގައި އަދާކުރުމަށް ރައްކާތެރިވުމަކީ ގުނައި އަދަދު ވެސް ނުކުރެވޭހައި ގިނަގުނަ ދަރުމައާއި ޘަވާބު އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާނެ ކަމެކެވެ. ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ.
(أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا ) (الإسراء 78) މާނައީ، ”އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހަށްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހަށްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ.”
މި އާޔަތުގައި ފަތިސް ނަމާދަށް ނަންދެވިފައި އެވަނީ “ޤުރުއާނުލް ފަޖްރި” ގެ ނަމުންނެވެ. އެނަމުން ނަން ދެވިފައި ވަނީ އެހެނިހެން ނަމާދުތަކާ ޚިލާފަށް ފަތިސްނަމާދުގައި ތަންކޮޅެއް ދިގުކޮށް ޤުރުއާން ކިޔެވުން މުސްތަޙައްބު ވެފައިވާތީ އެވެ. މި އާޔަތުން އެނގޭ ގޮތުގައި ފަތިސް ނަމާދު ކުރާމީހާއަށް ﷲ ގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން އޭނާ ފަތިސްނަމާދު ކުރާކަމަށް ހެކިވެ ވަޑައިގަންނަވާނެތެވެ. މިއަށްވުރެ ވަކި މަތިވެރި ފަޚްރަކާއި ޝަރަފް އިންސާނަކަށް ލިބޭނެތޯއެވެ؟
ކީރިތި ރަސޫލާގެ ނަބަވީ ބަސްފުޅަކުން ވެސް މިކަން ސާބިތުވާން އެބަ އޮތެވެ. ﷲ ރުއްސުން ލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެ އެވެ.
أن رسول الله صلى الله عليه وسلم قال : ”يَتَعَاقَبُوْنَ فِيْكُمْ مَلاَئِكَةٌ بِالَّيْلِ وَمَلاَئِكَةٌ بِاالنَّهَارِ وَيَجْتَمِعُوْنَ فِيْ صَلاَةِ الْفَجْرِ وَصَلاَةِ العَصْرِ ثُمَّ يَعْرُجُ الَّذِيْنَ بَاتُوا فِيْكُمْ فَيَسْأَلُهُمْ رَبُهُمْ – وَهُوَ أَعْلَمُ بِهِمْ – كَيْفَ تَرَكْتُمْ عِبَادِيْ؟ فَيَقُوْلُونَ : تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ” މާނައީ ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރޭގައި އެއްބައެއްގެ ފަހަތުން އަނެއްބަޔަކު ބަދަލުވެވޭ ތިބޭގޮތުގައި ރޭގަނޑުގެވެސް މަލާއިކަތުން އަދި ދުވާލުގެ ވެސް މަލާއިކަތުން މާތް ﷲ ލައްވާފައިވެއެވެ. އެބޭކަލުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަކުވަނީ ފަތިސްނަމާދާއި ޢަޞުރު ނަމާދުގައެވެ. ދެން ރޭގނަޑު ތިޔަބައި މީހުންގެ ގާތުގައި ތިއްބެވި މަލާއިކަތުން ﷲ ގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ދެން އެބޭކަލުންގެ ވެރިރަސްކަލާނގެ އެބޭކަލުންނާއި ސުވާލު ކުރައްވާނެތެވެ. (އެކަލާނގެއީ އެމީހުންގެ ހުރިހައިކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ތިޔަބޭކަލުން ތިމަން ރަސްކަލާނގެ އަޅުތަކުންނާއި ވަކިވެވަޑައިގަތީ ކޮންފަދަ ޙާލެއްގައި އެމީހުން ވަނިކޮށް ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެތެވެ. ތިމަން ބޭކަލުން އެމީހުންނާއި ވަކިވީ އެމީހުން ނަމާދު ކުރަން ތިއްބައެވެ. އަދި އެމީހުންގާތަށް އައީވެސް އެމީހުން ނަމާދު ކުރަން ތިއްބައެވެ.
މާތ ރަސްކަލާނގެ ރުއްސުން ލެއްވި ޢުޘްމާނު ބިން ޢައްފާނުގެ ކިބައިން ރިވާވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.
سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ : مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍِ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَ مَنْ صَلَّى الصُبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ މާނައީ “ސަލާމާއި ޞާލަވާތްލެއްވި ރަސޫލުﷲގެ ފާނު ޙަދީޘްކުރައްވަނިކޮށް ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ޖަމާޢަތުގައި ޢިޝާނަމާދުކޮށްފިމީހާ ރޭގަނޑުން އެއްބައިގައި އަޅުކަންކުރިފަދައެވެ. އަދި ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ.”
މާތް ރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނު ކިބައިން ރިވާވެގެންވާ އެހެން ބަސްފުޅެއްގައި އައިސްފައިވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ
قاَلَ النَّبِي صلى الله عليه وسلم: إِنَّ أَثْقَلَ صَلاَةٍ عَلَى المْنُاَفِقِيْنَ صَلاَةُ الْعِشَاءِ وَصَلاَةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيْهِمَا َلأَتَوْهُمَا وَلَوْ حَبْوًا މާނައީ “ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. މުނަފިގުންގެ މައްޗަށް އެންމެ ބުރަހެލިކަން ބޮޑު އުނދަގޫ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. އެ ދެ ނަމާދުގައި އެކުލެވިފައިވާ ދަރުމަ އާއި ޘަވާބުގެ މަތިވެރިކަން އެބައި މީހުންނަށް އެނގޭނަމަ ފިރުކިފައި ވެސް އެ ދެ ނަމާދަށް އެބައި މީހުން އައީހެވެ.”
މަސްދަރު: ދިސަލަފިއްޔާ