Last Updated: April 17, 12:00
Thursday, April 17, 2025
ޚަބަރު

ސައުދީއާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުންވޭ

ސައުދީ އަރަބިއްޔާގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ އޭނާގެ ސަފީރުކަމުގެ ދައުރު ހަމަވާތީ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަފީރުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މި ދައުރުގައި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައިފަ އެވެ.

ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިދިޔަ މެއި މަހު، އެ މަނިކުފާނު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސަޢޫދީ ސަރުކާރުން ދެންނެވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި މެހެމާންދާރީ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.