Last Updated: April 17, 14:53
Thursday, April 17, 2025
ޚަބަރު

ކުއްލި ކޮންގްރެސްއެއް ބާއްވަން އެމްޑީޕީން ހުށަހަޅަނީ

ފޮޓޯ: އެމްޑީޕީ

އެމްޑީޕީން އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ. މި ޖަލްސާގައި ކޮންގްރެސް ބާއްވާނެ ދުވަހެއް ފާސްކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އެމްޑީޕީން ގައުމީ މަޖިލީހުގެ މަޖިލީހަށް ހުށަހަޅާއިރު، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ މި ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ނަޝީދެވެ.

ނަމަވެސް ދާދި ފަހުން ޑިމޮކްރެޓްސްގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވަނީ އެ ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނެ އެވެ.