Last Updated: April 17, 19:57
Thursday, April 17, 2025
ކުޅިވަރު

ރެއާލް ބަލިކޮށް އާސެނަލުން ފެންވަރު ދައްކާލައިފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި، އާސެނަލުން 3-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މިއީ 2006 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި އާސެނަލާއި ރެއާލްގެ ފުރަތަަމަ ކުރިމަތިލުމެވެ. އެފަހަރު އާސެނަލުން ވަނީ ރެއާލް މުބާރާތުން ކަޓުވާލާފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަަތަމަ ލެގުގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ދެ ޓީމަށް ވެސް ގޯލު ކާމިޔާބުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ރެއާލްގެ ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ މަތަކުރިއިރު އާސެނަލްގެ ޑެކްލަން ރައިސް އަދި ގެބްރިއަލް މާޓިނެއްލީ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.

އާސެނަލުން ލީޑުނެގީ، މެޗުގެ 58 ވަނަ މިނިޓްގައި ރައިސް ކާމިޔާބުކުރި ހިލޭ ޖެހުމުންނެވެ. އެގޮތުން ރެއާލްގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ރައިސް އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

އާސެނަލްގެ ދެވަނަ ގޯލުވެސް މެޗުގެ 70 ވަނަ މިނެޓްގައި ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރައިސް އެވެ. ރެއާލްގެ އޭރިއާގެ ބޭރުން މިފަހަރު ލިބުނު ހިލޭޖެހުން ރައިސް އަމާޒުކޮށްލީ ގޯލުގެ މަތީ ކަމަށެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ރެއާލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަަނަށް ފޮނުވާލައިގެން އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯ އެވެ.

ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ އެޑުއާޑޯ ކަމަވިންގާ އަށް ދެވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގަ އެވެ. އެ މެޗުން ހަތަރު ގޯލުގެ ތަފާތަކުން މޮޅުވެގެން ނޫނީ ރެއާލަށް ސެމީން ޖާގައެއް ނުލިބޭނެ އެވެ. އާސެނަލަށް މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީއަށް ދެވެން އޮތްއިރު، އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ.