ޑްރަގް ކޯޓުގެ އިސް ބޭފުޅުންނާއި ފުލުހުންގެ ސައުތު ޕޮލިސް ޑިވިޒަންގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ފުލުހުންނާއި ޑްރަގް ކޯޓު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ދިމާވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޑްރަގް ކޯޓުން އިސްނަގައިގެން ބޭއްވި ބައްދަލުވުކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޑްރަގް ކޯޓުން ބަލަމުންދާ މައްސަލަތަކުގައި ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
މިބައްދަލުވުމުގައި ޑްރަގް ކޯޓުގެ އިސް ހަތަރު ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވާއިރު ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފުލުހުންގެ ސައުތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު ސަމީރު އާއި އައްޑޫ ސިޓީ ކޮމާންޑަ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު ވަހީދުގެ އިތުރުން އައްޑޫ ސިޓީގެ އިންވެސްޓިގޭޝަން އިންޗާޖާއި އައްޑޫ ސިޓީ ހިތަދޫ އަދި ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖުންނެވެ.