Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ގަމުގެ މަގު ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދަން ވާހަކަ އެބަދެކެވޭ

އައްޑޫގެ ގަމުގެ އީކްއޭޓަ ވިލެޖްގެ އެކޮމޮޑޭޝަން ބްލޮކެއްގެ މައްސަލައަކާ ހެދި ގަމުގެ މަގު ހެދުން ހުއްޓުމަށް އައި ނަމަވެސް އެ މަސައްކަތް ކުރިން ވެސް ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދަން ވާހަކަ ދެކެވެމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ މެންބަރު އެގޮތަށް ވިދާޅުވީ "ކުއްލި ގޮތަކަށް" އައްޑޫ ލިންކް ރޯޑް ހަދަން އިއްޔެ އާރްޑީސީއާ ސަރުކާރުން ހަވާލުކުރީ ގަމުގެ މަހުގެ ވާހަކަ ހުއްޓުުވައިލަން ކަމަށް ބުނެ އޭނަގެ ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކާ ގުޅިގެންނެވެ.

އެ ކޮމެންޓްގައި ނިޒާރު ވިދާޅުވީ ލިންކް ރޯޑް ހަދާނެ ވާހަކަ މި ސަރުކާރުން އޮތީ މާ ކުރިން ބުނެފައި ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި މިދިޔަ ރޯދަ މަހުގެ ތެރޭގައި ސޮއި ކުރަން ވެސް ނިންމި ކަމަށެވެ. ނަމަވެސް އައްޑޫގެ މަޖިލިސް މެންބަރުންތަކެއް މާލޭގައި އޭރު ނެތުމުން އީދަށް ފަހު ސަރުކާރު ހުޅުވުމުން އެއްބަސްވުމުގައި ސޮއިކުރާތާ ގޮތަށް ނިންމީ ކަމަށެވެ.

އެހެންވެ މި ދަނޑިވަޅުގައކ ލިންކް ރޯޑް ހަދަން ހަވާލުކުރުމާއި ގަމުގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅުމެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމަ އެއީ ރަނގަޅު ވާހަކައެެއް ނޫން." އޭނަ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިހާރު ވާހަކަ ދެކެވެމުން އަންނަނީ ރޭވިފައި އޮތް ގޮތަށް މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ.

އީކްއޭޓާ ވިލެޖްގެ "ވަރުގަދަ ނުފޫޒަކާ ހެދި" ގަން އެއާޕޯޓް ތަރައްގީ އަށް ހުރަސްއެޅިފައިވާ އިރު، މިކަމާ އައްޑޫގެ ގިނަ ބަޔަކު އަންނަނާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އީކްއޭޓާ އިން ވީރާނާވެފައިވާ އެކޮމޮޝޭން ބްލޮކެއް ދޫނުކޮށް، މަޝްރޫއަށް ހުރަސް އަޅަމުން ދަނީ ބަދަލުގައި އެހެން ތަނެއް ހަމަޖައްސައި ދޭން ވެސް އެތައް ފަހަރެއްގެ މަތިން ހުށަހެޅުމަން އެކަން ވެސް ގަބޫލު ނުކޮށެވެ. އަދި ސަރުކާރުން ވަނީ އެކަމަށް ހިތްވަރު ދޭ ގޮތަށް މައްސަލަ ދިމާވި މަގުގެ މަސައްކަތް ޕްލޭނުން އުނިކުރަން އަންގައިފަ އެވެ.

ނިޒާރު ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްތަކުގައި މިފަދަ މައްސަލަތައް ދިމާވަނީ ސިޔާސީ ބޭނުމަށް އަވަސް އަރުވާލައިގެން ކަންކަން ކުރަން އުޅޭތީ ކަމަށެވެ.

"މައްސަލަ ދިމާވެގެން އުޅޭ ވީރާވާ ވެފައި ހުރި އެ އިމާރާތް އެތަނުގައި މީގެކުރިން ވެސް ހުރި،" އޭނަ ވިދާޅުވި އެވެ. "އެކަންކަން ނުބަލައި ރޭވުންތެރިކަމެއް ނެތި ޕްރޮޖެކްޓުތައް ހަވާލުކުރުމުން ކަންކަން ދިމާވާނެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއް."

ގަން އެއާޕޯޓް މަޝްރޫއަކީ މިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ. ޖޫން 4، 2023 ގައި އިފުތިތާހުކުރި މަޝްރޫއު ހަވާލުކޮށްފަިއ އޮތީ އިންޑިއާގެ ރެނާޓަސްއާ އެވެ.

ގަމުގެ މަގުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ. އަދި މި މަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެ ނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އުންމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާ ވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތްވުން" މިނިސްޓަރު ވިދާޅުވި އވެ.