ކުރީ ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތައް ހުއްޓާލުމަކީ ހިޔާނާތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްޤީ ކުރަން ފަށާފައިވާ މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް، އެ މަސައްކަތް ހުއްޓާލުން ކުށްވެރިކުރާ ކަމަށެވެ.
"ސަރުކާރު ބަދަލުވުމުން ކުރީ ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަށް ބަދަލުގެނައުމާއި، ހުއްޓާލުމަކީ ދައުލަތަށް ނުހަނު ގެއްލުންވާ ކަމެއް. ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއް. ޚިޔާނާތެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ މަގޫދޫ އާއި ފ.އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތަށް އެރަށަށް ގެންގޮސްފައިވާ ވެލްޑިން މެޝިނެއް ގެންދަން އުޅުމުގެ ތެރޭގައި އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އިއްޔެ ވަނީ ހުއްޓުވާފަ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ މަގޫދޫއިން ގެންދަން އުޅުނީ އެއާޕޯޓް އެޅުމުގެ މަސައްކަތަށް ބޭނުންކުރާ ވެލްޑިން މެޝިނެއް ކަމަށާއި، އެ މެޝިން ގެންދަން އުޅުނީ މުލީ އެއާޕޯޓްގެ މަސައްކަތަށް މިވަގުތު އެ މެޝިން ބޭނުންވެގެން ކަމަށެވެ.