Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ޕީޕީއެމް މަހާސިންތާ ވަރަށް ކާމިޔާބު : އައިބީ

ޕީޕީއެމް އިން ބޭއްވި މަހާސިންތާގެ ބައެއް ބައިވެރިންނާއި އެކު އައއިބީ. ފޮޓޯ: ސޯޝަލް މީޑިޔާ

ރައީސް ޔާމީންގެ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެމްޕޭން ލީޑަަރުން ތަމްރީނު ކުރަން ބޭއްވި މަހާސިންތާ އަކީ ވަރަށް ކާމިޔާބު މަހާސިންތާއެއް ކަމުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިބީ ވިދާޅުވިގޮތުގައި މަހާސިންތާގައި ބައިވެރިވި %95 ޕަސެންޓް މީހުން އެ މަހާސިންތާއިން ދަސްވި އެއްޗެއްގެ ބޭނުން ހިފާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، އެއީ ވަރަށް ރައީސް ޔާމީނަށް 2018 ކާމިޔާބު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ސްކޫލަށް ވެސް ދާ ހުރިހާ ކުދިން ފާސް ނުވާ ކަމަށާއި އެގޮތުން މަހާސިންތާގެ ބައެއް ބައިވެރިން ރަގަޅު ނޫން ގޮތުގައި އޭގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމަށާއި އެއީ ނަމަވެސް މައްސަލައެއް ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.

"ކިތަންމެ ރަގަޅު ތައުލީމެއް ދިން ނަމަވެސް ބައެއް ފަހަރަށް ސްކޫލަށް ދާ ހުރިހާ ކުދިން ވެސް ފާހެއް ނުވޭ. އެހެންވީމާ މަހާސިންތާގައި ބައިވެރިވި މީހުންގެ %5 ވަރު ރަގަޅަށް ދަސްވި އެއްޗެއްގެ ބޭނުން ނުހިފުމަކީ އެކަށީގެންވާ ކަމެއް" އައިބީ ވިދާޅުވިއެވެ.

މެޑަމް ފާތުންގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މަހާސިންތާގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ އިން 46 ފަރާތެއް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ފޭދޫގެ 14 ފަރާތެއް ހިމެނެއެވެ.