Last Updated: April 17, 22:54
Thursday, April 17, 2025
ޚަބަރު

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ހާއްސަ ކަންތައްތަކެއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް "ލިވް އަންލިމިޓެޑް" ގެ ނަމުގައި މިއަދުން ފެށިގެން ފާހަގަކުރަން ފަށައިފި އެވެ.

ރާއްޖޭގައި އުރީދޫގެ ހިދުމަތް ދޭން ފެށީ އޮގަސްޓް 13، 2005 ގަ އެވެ.

ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ކަންކަން ހިއްސާކުރަން މިއަދު ބޭއްވި ޕްރެސްއެއްގައި އުރީދޫން ބުނީ ކަމަކީ އެޕަލްއާ ގުޅިގެން އެޕަލް ވޮޗް ސެލިއުލާ ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެޕަލް ސެލިއުލާ ވޮޗް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އީ-ސިމް މެދުވެރިކޮށް ފޯނާ ދުރުގައި ހުއްޓަސް، އެޕަލް ވޮޗް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ ހިދުމަތް ލިބޭނެ އެވެ.

އެގޮތުން އެޕަލް ސެލިއުލާ ވޮޗް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެ ހިދުމަތް ހިލޭ ލިބޭ އިރު، އޭގެ ފަހުން ހިދުމަތަށް ނަގާނީ މަހަކު 199ރ. ކަމަށް އުރީދޫން ބުންޏެވެ.

މީގެއިތުރުން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސްމާޓާ ހޯމް ބަންޑްލްތަކެއް ވެސް ތައާރަފްކޮށްފައިވާކަން ހާމަކޮށްފައިވެ އެވެ. އެ ބަންޑްލްތަކަށް ކެމެރާތަކާއި ޑޯބެލްތައް ލާފައިވާ އިރު، އެ ކެމެރާތައް ބޭނުންކޮށްގެން ފޯނުން ވަގުތުން ބެލޭ ގޮތަށް ކަނެޓުވުމަށް ފުރުސަތު ލިބޭނެ އެވެ. ކެމެރާތައް އެއްވެސް ޓެކްނިކަލް މީހެއްގެ އެހީތެރި ކަމެއް ނެތި އަމިއްލައަށް ކިއުއާރު ކޯޑެއް ސްކޭން ކޮށްލުމުން ސެޓަޕްކޮށްލެވޭނެ ކަމަށާއި ކެމެރާއަށް ރެކޯޑު ކުރެވޭއިރު، އެއް އަހަރު ދުވަހުގެ ކްލައުޑް ސްޓޯރޭޖެއް ޕެކޭޖެއް ލިބޭނެ އެވެ.

މީގެ އިތުރުން އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި 250ރ. ހޭދަކޮށްގެން ހިދުމަތެއް ހޯދައިފި ނަމަ އުމްރާ ދަތުރެއް ނުވަތަ ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ ބޮޑު އިނާމަކީ ދެ މީހަކަށް ހައްޖު ދަތުރެވެ.

ޖޫން 27، ގައި އައްޑޫގައި "އުރީދޫ ފަން ރަން" ބޭއްވުމަށް ނިންމާފައިވާ އިރު، 'އުރީދޫ މަސް ރޭސް' އޮގަސްޓް މަހު ބޭއްވުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ކައުންސިލްތަކާ ގުޅިގެން އެންމެ ރަނގަޅު ޕްރޮޕޯޒަލްތައް ހުށަަހަޅާ ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ.

މިއަދުގެ ޕްރެސްގައި ވަނީ އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރަކަށް މަސްވެރިޔާ ރާޝިދު އާދަމް ހަމަޖެއްސިކަން ވެސް އިއުލާންކޮށްފަ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އުރީދޫގެ ރާއްޖޭގެ 20 އަހަރުގެ ތަޖުރިބާ އަށް ބަލާ އިރު އެ ކުންފުނިން ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި އިންގިލާބުތަކެއް ރާއްޖެއަށް ގެނެސް ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދިފައިވާ ކަމަށެވެ.

އެގޮތުން އުރީދޫން އަހަރީ ދުވަހާ ގުޅުވައި ކަނޑު އަޑީގައި ވެސް ހާއްސަ ހަރަކާތެއް ރާވަމުންދާ ކަމަށާއި އެ ހަރަކާތާ ބެހޭ މައުލޫމާތު މި މަހު ފަހުކޮޅު ހާމަކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.