ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނުން އުފައްދާ ސީރީޒަކުން އާ ބަޔަކު އެކްޓިން އަށް ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ މިއީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒެއް ކަމަށެވެ. ނަމަވެސް އޭގެ ނަމާއި ކާސްޓާއި ޑައިރެކްޓްކުރާނެ މީހަކު އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ސީރީޒްގެ ޕްލޮޓް އެނބުރޭނީ ކޮލެޖްގައި ކިޔަވާ ޒުވާން އަންހެން ކުދިންތަކެއް ވަށައިގެންނެވެ.
މި ސީރީޒް ވާނީ އެމެޒޯން ޕްރައިމްއާ ގުޅިގެން އާލިއާ އުފައްދާ ދެވަނަ އުފެއްދުމަށެވެ. ފުރަތަމަ އުފެއްދުމަކީ 8 އެޕިސޯޑްގެ މަލަޔާޅަމް ކްރައިމް ޑްރާމާ "ޕޯޗާ" އެވެ.
މަޝްހޫރު އެކްޓަރު ރަންބީރްގެ ކަޕޫރްގެ އަންހެނުން އާލިއާގެ އެޓާނަލް ސަންޝައިން އަކީ 2021 ގައި އުފެއްދި ކުންފުންޏެކެވެ. އެތަނުން މިހާތަނަށް ދެ ފީޗާ ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ. އެއީ 2022 ގައި ކަރަން ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާ ގުޅިގެން ގެނެސްދިން "ޑާލިންސް" އާއި މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން ގެނެސްދިން "ޖިގްރާ" އެވެ.
އެ ދެ ފިލްމުގެ ވެސް ބަތަލާ އަކީ އާލިއާ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރި ބަތަލާ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރު ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "އަލްފާ" އާއި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ.