ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ނުފޯރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހް މިހެން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކާއި ގުޅިގެން ފަލާހު ވަނީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ރައީސް އަމުރުކުރަންވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރައްވާފަ އެވެ. އަދި މަޖިލީހަކީ ތަޅުމުގައި އެކަނި މަސައްކަތްކުރާ ތަނެއް ނޫންކަން މީކާއިލް އަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އިއްޔެ އާއި މިއަދު ވެސް ކޮމިޓީތަކުގައި އެތައް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒު ފޯރުވި ގޮތަށް ރައީސް މުއިއްޒު އެކަން އެގޮތަށް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ޖަލްސާތައް މަދުވެގެން ހަފްތާއަކު ތިން ދުވަހު ބާއްވަން ޖެހޭއިރު މި ހަފްތާގައި ބާއްވާފައިވަނީ އެންމެ ޖަލްސާއެކެވެ. އެގޮތުން އިއްޔެ އާއި މިއަދު ޖަލްސާ ނުބޭއްވި ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމިޓީތަކުން ވަނީ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.