އައްޑޫގެ ތަރައްގީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސަސްއިން ބުނެފި އެވެ.
އައްޑޫ ގަން އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގެއްގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ވަނީ ގަމުގެ އެއާޕޯޓު މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ އީކުއޭޓާ ވިލެޖުގެ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.
ކައިމޫ އިން ނެރުނު ބަޔާނެއްގައި ބުނީ އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ 1999 ވަނަ އަހަރު ސޮއިކޮށް 2017 ވަނަ އަހަރު އައުކުރި އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއްބަސްވުމުގެ ދަށުން ދޫކޮށްފައި ވަނީ ރިސޯޓު ހިންގާ މުޅި ބިން ކަމަށެވެ. އޭގެތެރޭގައި އައު މަގު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު ވެސް ހިމެނޭ ކަމަށާއި އެ ސަރަހައްދަކީ ގެސްޓު އަދި އޮޕަރޭޝަނަލް މުހިންމު ތަންތަން ކަމަށްވާއިރު މި ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އައްޑޫއަށް އަންނަ ހުރިހާ ތަރައްގީއެއްގެ ފައިދާ މުޅި އެ ސަރަހައްދަށާއި އީކުއޭޓާ ވިލެޖަށް ވެސް ކުރާނެ ކަމަށާއި އެގޮތުން ރިސޯޓުގެ ހިންގުމަށާއި އައްޑޫގެ ތަރައްގީއަށް ހުރަސް ނޭޅޭ ގޮތަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ކައިމޫއިން ބުންޏެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިޒަމް މިނިސްޓްރީއާ އެކު ގާތުން މަސައްކަތްކޮށް، މައްސަލައަށް އެކަށޭނަ ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިން ހުސްނުކުރެވި މިހާރު ކުރިއަށް ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.