Last Updated: April 18, 06:35
Friday, April 18, 2025
ޚަބަރު

ކުދި ޖަޒީރާ ގައުމުތަކަށް ދަރަނި ލުއިކޮށްދޭން ގޮވާލައްވައިފި

ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ޑީއެސްއެސްއެސް ފަދަ ފެސިލިޓީއެއްގެ ޢަމަލީ މަސައްކަތް ފަށައިގަތުމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނެ ކަމަށެވެ.

ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ އެފަދަ ޤައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ވިދާޅުވި އެވެ.

ޑީއެސްއެސްއެސް ގެ މަސައްކަތް ފަށައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމުކަމެއް ކަމަށެވެ.

އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެހެންކަމުން ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ޤައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫޢުތައް ހިންގައި، އޭގެ ސަބަބުން، އެފަދަ ޤައުމުތަކުގެ މާލީ ފުދުންތެރިކަން ޤާއިމްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްޤީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ޤާއިމުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.