Last Updated: April 18, 10:24
Friday, April 18, 2025
ކުޅިވަރު

ބާސާ އާއި ޕީއެސްޖީ ސެމީއާ ގާތަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލާއި ގާތަށް ބާސެލޯނާ އާއި ޕީއެސްޖީ ޖެހިލައިފި އެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ބާސާ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ލީޑު ނަގައިދީނީ މެޗުގެ 25 ވަނަ މިނެޓްގައި ރަފީނިއާ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރޮބަޓް ލެވެންޑޯސްކީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މެޗުގެ 66 ވަނަ މިނެޓްގައި ބާސާގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކުރިން ޑޯޓްމަންޑަށް ކުޅުނު ލެވެންޑޯސްކީ އެވެ.

ބާސާގެ ހަތަރުވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރަފީނިއާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ.

ޕީއެސްޖީ ސެމީއާ ގާތަށް ޖެހިލީ ކުއާޓާގެ ފުރަތަމަ ލެގުގައި އެސްޓަންވިލާ 3-1 އިން ބަލިކޮށްގެންނެވެ.

މި މެޗުގެ 35 ވަނަ މިނެޓްގައި މޯގަން ރޮޖާސްގެ ގޯލުން އެސްޓަންވިލާ އިން ލީޑު ނެގިއިރު، އޭގެ ހަތަރު މިނެޓް ފަހުން ޑިސައިރޭ ޑުއޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ވިލާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޑުއޭ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ކްވިޗާ ކްވަރަޝްކޭލިއާގެ ހިތްގައިމު ގޯލުން ޕީއެސްޖީން ވަނީ ލީޑު ނަގާފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ވިލާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ އޮސްމާނޭ ޑެމްބެލޭ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭސް އެވެ.

ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގަ އެވެ.