މޯލްޑިވް ގޭހުގެ ކޮންމެ މުއާމަލާތެއް ވެސް ކޮށްފައިވާނީ ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.
މިކަމާ ގުޅިގެން އަބްދުﷲ ވިދާޅުވީ އޭނާއަކީ 2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މުއައްސަސާތަކުގައި ޒިންމާދާރު އެކި ވަޒީފާތައް އަދާކުރަމުން އަންނަ މީހެއް ކަމަށާއި ވޭތިވެދިޔަ ދިގު މާޒީގައި އެއްވެސް ހިޔާނާތެއް އަދި ހިޔާނާތެއްގެ ތުހުމަތުގައި ވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައިވާ އަދި ބަޔާން ނަގައި އެއްވެސް ހުކުމެއް ކޮށްފައިވާ މީހެއްވެސް ނޫން ކަމަށެވެ.
"އަބަދުވެސް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ އަދި އަދާކުރަމުން މިދަނީ ވަޒީފާ އަދާކުރާ މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން،" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ މިހާރު އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރަމުން ދަނީ މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން ކަމަށެވެ.
"މިކަން ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ކަށަވަރުވާނެ. އަދި ކުންފުނިން ކޮންމެ މުއާމަލާތެއް ވެސް ކޮށްފައިވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިޔުމެންޓް އުސޫލާއި އެއްގޮތަށްކަން ކަށަވަރު،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވަނީ ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ހާސިލް ނުވުމަކީ ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް އަނެކާގެ އަބުރު ގެއްލުވާލަން އޮތް ފުރުސަތަކަށް ނުހެދުމަށް އިލްތިމާސްކޮށްފަ އެވެ.
މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނާޒިމް ހާމަކުރައްވާފައި ނުވާއިރު، މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.