Last Updated: April 18, 10:40
Friday, April 18, 2025
ޚަބަރު

ގައުމަށް ވަނީ ގެއްލުން، މި ވެރިކަމުން މިންޖުވާން އެބަޖެހޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގައުމަށް ވަނީ ގެއްލުން ކަމަށާއި މި ވެރިކަމުން މިންޖުވާން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށެވެ.

"މިކަމުން ދިވެހިން މިންޖުވާން އެބަޖެހޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާނާކީ ނިމިދިޔަ ފަސް އަހަރު ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އިމްރާން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ.

އޭގެ ފަހުން އިމްރާން ވަނީ ނިމިގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް ވާދަ ކުރައްވާފަ އެވެ. މަކުނުދޫ ދާއިރާއަށް ވާދަ ކުރައްވާ އިންތިހާބުން ބަލިވެވަޑައިގަތީ އެވެ.

އިމްރާން ވަނީ އޭގެ ރާއްޖެ ދޫކުރައްވާ ދިރިއުޅުއްވުން ތައިލެންޑަށް ބަދަލުކުރައްވާފަ އެވެ.