Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

އެފްއެސްއެމްގެ ކުރީގެ އެމްޑީ ޑެޕިއުޓީ މިނިސްޓަރަކަށް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިސްމާއިލް ސުހައިލްލޯކަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

އޭނަ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފައި މި ވަނީ ސުހައިލް ވެސް ހިމެނޭ ގޮތަށް އެފްއެސްއެމްގެ ތެލުގެ ބޮޑު ވައްކަން ތަހުގީގުކުރަމުން ދަނިކޮށެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ޝައްކުކުރެވޭ މައްސަލައާ ގުޅިގެން ޑިސެމްބަރު 1، 2024 އާ ހަމައަށް 10 މީހަކާއި ދެ ގެއަމާއި އަދި ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވެ އެވެ. އަސި އެ މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވެ އެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަ އެ މި މައްސަލާގައި ތުހުމަތުކުރެވޭ އެކެއްގެ ބޭންކު އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ސުހައިލް އެފްއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އަދި އިސްތިއުފާ ދެއްވީ މަފާމުން ވަކިކުރަން އެފްއެސްއެމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން ނިންމާފައި ވަނިކޮށެވެ.