އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާ އިން އައްޑޫގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގެ ފަހުކޮޅު އެވެ. މި މަޝްރޫއުގެ ދަށުން ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގެ ގިނަ މަގުތައް ވަނީ ހަދައިފަ އެވެ. މަގުތައް ހަދާފައި ވަނީ ތާރު އަޅައިގެންނާއި ގާ އަތުރައިގެންނެވެ. އަދި މީގެ އިތުރުން ބައެއް މަގުތަކުގައި ސީޓީބީ އަޅާފައިވެ އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެފްކޮންސް އިން ވަނީ ހަންކެޑެއިގައި އާ ބްރިޖެއް ވެސް ހަދައިފަ އެވެ. އެ ބްރިޖް ނިންމައި ބޭނުން ކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގައި ލައިޓް ޖަހައި، ސީސީޓީވީ ކެމެރާތައް ވެސް ހަރުކޮށް، މަގުގައި ހުންނަން ޖެހޭ އެހެން ވަސީލަތްތަކާއި ފީޗާތައް ވެސް ގާއިމުކޮށްފައިވެ އެވެ.
އައްޑޫގެ މަގުތައް ހަދަން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މި މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުން 77.6 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ) ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެގޮތުން 100 ކިލޯ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގު ހަދާފައިވެ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފެން ހިންދާ ޕަންޕުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މަގު ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.
އެފްކޮންސް އިން މަގު ހެދުމުގެ ބިޔަ މަޝްރޫއު ނިންމައިލާ އިރު، އައްޑޫ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު އަލުން ހެދުމާއި މި މަސައްކަތުގެ ތެރެއިން އިތުރު މަގުތަކެއް ވެސް ހެދުމަށް މިނިސްޓްރީން މި މަހުގެ 8 ގައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ.
ދެހާސް އަށާވީހަށް އެއްކޮށް ނިންމަން ޖެހޭ މި މަޝްރޫއުގެ އަގަކީ 829 މިލިޔަން ރުފިޔާ އެވެ.