ފުވައްމުލަކުގެ ދަނޑުވެރިންނަށް ކައުންސިލުން ހާއްސަ އިލްތިމާސެއްކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު ނޯޓިހެއްގައި ބުނީ ގެންމިސްކިތްމަގާއި ހަވިއްތަމަގާއ ހޯދަޑު ބޯޅަދަނޑު ސަރަޙައްދުގައި ދަނޑުވެރިކަން ކުރާ ބައެއް ފަރާތްތަކުން މަގަށް އަރާގޮތަށް ގަސް އިންދާފައިވާކަން ފާހަގަކުރެވިފައިވާތީ އެކަމުގެ ސަބަބުން ދަތިތަކެއް ދިވާމުންދާ ކަމަށެވެެ.
އެގޮތުން މަގަށް އަރާ ގޮތަށް ގަސް އިންދުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުގެ އިތުރުން، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ މަގުތަކަކީ ބޭރުން ރަށަށް އަންނަ ގިނަ އަދަދެއްގެ މީހުން ވެސް އާންމުކޮށް ބޭނުން ކުރާ މަގުތަކަށްވާތީ ގަސްއިންދާފައި ހުރުމުގެ ސަބަބުން މަގުތަކުގެ ފުރިހަމަ ރީތިކަން ގެއްލި މަގުގެ ސާފުކަން ކުޑަވެގެންދާކަން ވެސް ފާހަގަކުރެވޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ އެސަރަޙައްދުގައި ދަނޑުވެރިކަން ކުރާ އިރު، މަގުގެ އަރިމަތިން ފެށިގެން މަދުވެގެން 3 ފޫޓުގެ ދުރުމިނެއްގައި ދަނޑުތައް ހެއްދުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި މަގަށް އަރާ ގޮތަށް އިންދާފައިވާ ގަސްތައް ފަސް ދުވަހުގެ ތެރޭގައި ނަގައި ތަން ސާފުކުރަން ދަނޑުވެރިންނަށް އަންގާފައިވެ އެވެ.
އެގޮތަށް އެންގީ އިއްޔެ އެވެ.
ކައުންސިލުން ބުނީ ދިން މުއްދަތުގެ ތެރޭގައި ނުނަގައި ހުި ގަސްތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާއި މިކަމާ ގުޅިގެން ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.