Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ހަންކެޑެ މަޝްރޫއު ލަސްވާ މައްސަލަ މަޖިލީހަށް

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ އައްޑޫ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެކަން ސާފު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް އެކަން ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު، އަހުމަދު އަޒާނެވެ.

އޭނަ ހުށަހެޅުއްވި މައްސަލައިގައި ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި ކުންފުނި، މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެފްއެމްސީ) ގެ އިސްވެެރިން ކޮމިޓީއަށް ހާޒިރުކޮށް އެ މަސައްކަތް ކުރިއަށް ނުދާތި އެކަން ސާފު ކުރަން އެދިވަޑައިގެންފައިވެ އެވެ.

އަދި އެ މައްސަލަ ހުށަހެޅުއްވީ މަޝްރޫއުގެ އަމަލީ މަސައްކަތް ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

މި ސަރުކާރުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ހަންކެޑެ މަޝްރޫއު އިފުތިިތާހުކުރީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.

ނަމަވެސް އޭގެ ފަހުން ހަންކެޑެއިގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް މިހާތަނަށް ކޮށްފައެެއް ނުވެ އެވެ.

ހަންކެޑެ ޕްރޮޖެކްޓް ސީއެންއީސީސީއާ ހަވާލުކުރީ އެމްޑީޕީ ސަރުކާރުގައި މާޗް 30، 2023 ގަ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން 1،980 އެއްހާ ވަޒީފާ އައްޑޫގައި އުފެދިގެން ދާނެ އެވެ.

މި މަޝްރޫއުގެ ތެރޭގައި:

* 2 ގްރޭންޑް ހޮޓެލް: 600 އެނދު
* 2 ޑިލަކްސް ހޮޓެލް: 320 އެނދު
* 8 ބުޓީކް ހޮޓެލް: 560 އެނދު
* 8 ސާވިސްޑް އެޕާޓްމަންޓް: 560 އެނދު
* 8 ބީޗް ވިލާ ދެ ކޮޓަރީގެ: 32 އެނދު
* 9 ބީޗް ވިލާ ހަތަރު ކޮޓަރީގެ: 72 އެނދު

މީގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާ ވަރަށް ގިނަ އެކިއެކި ވަސީލަތްތައް މަޝްރޫއުގެ ތެރޭގައި ގާއިމުކުރާ ގޮތަށް ޕްލޭންކޮށްފަ އެވެ.

ހަންކެޑެ މަޝްރޫއު "ވާނުވާގައި" އޮތް އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެތަނުގައި ތަރައްގީކުރާ ހޮޓާތައް މެނޭޖްކޮށް، އޮޕަރޭޓް ކުރަން ދެ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވެ އެވެ. އެމްއެފްއެމްސީން ބުނެފައި ވަނީ ހޮޓާތައް ހިންގުން ހަވާލުކުރީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސްއާ ކަމަށެވެ.