މި އަހަރުގެ މިހާތަނަށް ރިލީޒްވި ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު، ވިކީ ކޯޝަލްގެ "ޗާވާ" މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
ފެބްރުއަރީ މަހުގެ 14 ގައި ރިލީޒްކުރި މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންފެ މެޑޮކް ފިލްމްސް އަށް ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރި ތާރީހީ ހަނގުރާމަ ފިލްމެކެވެ. ޖުމްލަ 140 ކްރޯޑް ރުޕީސް (16.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން "ޗާވާ" އަށް ބޮކްސް އޮފީހުގައި 804.85 ކްރޯޑް ރުޕީސް (93.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
މި ފިލްމުގެ ކާސްޓްގައި ރަޝްމިކާ މަންދަނާ އާއި އަކްޝޭ ކަންނާ އާއި ޑަޔާނާ ޕެންޓީ، ނީލް ބޫޕަލަން އާއި، ދިވްޔާ ދައްތާ އަދި އަޝުތޯޝް ރާނާ ހިމެނެ އެވެ.
ވަރަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "ޗާވާ" އަކީ އަނެއްކާ ވެސް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވިކީ އަށް ހައްގުވާވަރުގެ މަަސައްކަތެއްކޮށްފައިވާ ފިލްމެކެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ އަށް ފުރަތަމަ ނެޝަނަލް އެވޯޑް ލިބުނީ 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅެގެންނެވެ.